އަދީބުގެ ސިޓީއާއެކު ކާނަލް ނާޒިމް ބަންދުގައި ބަހައްޓަނެ އެއްވެސް ފުރުސަތެއް ނެތް – އަދާލަތު

ދީނީކުރީގެ ދީނީ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީއާއެކު، މިސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަޓް މުހައްމަދު ނާޒިމް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އަދާލަތު ޕާޓީ އިން ބުނެފިއެވެ.

އެ ޕާޓީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކާނަލް ނާޒިމް ދިރިއުޅުއްވި އެޕާޓްމެންޓުން ފެނުނު ހަތިޔާރުން އަދީބުގެ ޑީއެންއޭ ފެނިފައިވާކަމަށް ފުލުހުން ބުނެފައި ވަނިކޮށް އަދީބު ސޮއިކުރައްވާ ސުޕްރީމްކޯޓަށް ފޮނުއްވި ސިޓީއާއެކު އެމައްސަލައިގެ ހަގީގަތް މުޅިން ސާފުވެފައިވާކަމަށެވެ.

ކާނަލް ނާޒިމް ހައްޔަރު ކުރުމާ ދެކޮޅަށް އަދާލަތު ޕާޓީ އިން މީގެ ކުރިންވެސް އަޑު އުފުލާފައިވާނެ ކަމަށާއި އޭރުވެސް އެޕާޓީއިން އަޑުއުފުލަމުން ގެންދިޔައީ އަދީބުގެ ސިޓީގައި ވިދާޅުވެފައިވާފަދައިން ކާނަލް ނާޒިމް ފްރޭމްކުރެވުނީ ރޭވުމެއްގެ ދަށުން ދިވެހި ދައުލަތުގެ މުއައްސަސާތައް ނުހަމަގޮތުގައި ބޭނުންކޮށްގެންކަން އޭރުވެސް އެނގޭތީކަމަށް އެ ބަޔާނުގައިވެއެވެ.

މި ސަރުކާރު ގެނައުމަށް އަދާލަތު ޕާޓީ އިންވެސް ބުރަ މަސައްކަތްތަކެއް ކުރި ކަމަށާއި ނަމަވެސް ޕާޓީ އިން ސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންގޮސް 2015 މެއި އެއްވަނަ ދުވަހު ކުރި މުޒާހަރާގެ އެއްސަބަބަކީވެސް އިސްލާމް ކާނަލް ނާޒިމްގެ މައްސަލާގައި އެއްވެސް އުސޫލެއް ނެތި އަނިޔާވެރިކަމާއެކު ސަރުކާރުން އަމަލު ކުރުން ކަމަށް އަދާލަތުގެ ބަޔާނުގައި ވެއެވެ.

ކާނަލް ނާޒިމްގެ މައްޗަށް ބޭއިންސާފުން ހިންގުނު ޝަރީއަތާ އަދާލަތު ޕާޓީ އާއި ސީދާ ގުޅުން ނެތްނަމަވެސް މި މައްސަލާގައި އެ ޕާޓީއިން އަޑުއުފުލަމުން ގެންދަނީ ” ވެސް ޙައްޤަކާނުލާ ފަރުދަކު ހިފާހައްޔަރުކޮށް ޙައްޤުތައް ނިގުޅައިގަނެ އަނިޔާވެރިކަން އިސްކުރާ ހިނދު އެކަން ހުއްޓުވަން މަސައްކަތް ނުކޮށްފިނަމަ އަނިޔާވެރިކަން ޢާންމުވެ އެއްވެސް ފަރުދަކަށްވެސް އަދި ޖަމާޢަތަކަވެސް އަމާންކަން ކަށަވަރު ނުވާހިސާބަށް މުޖުތަމަޢުގެ ކަންކަން ހަމައިން ނެއްޓިގެން ދާނެތީއާއި، އަދި ފަހުން އެފަދަ ކަންކަމުން ޤައުމު ސަލާމަތްކުރުމަށް ވާންޖެހޭނެ ޤުރުބާނީއާއި ދައްކަންޖެހޭނެ އަގު އެތައްގުނައެއް ބޮޑުވާނެތީ އެވެ. ހަމައެހެންމެ ޢަދުލު އިންސާފުގެ މައްޗަށް ބިނާވެގެންވާ ފުރިހަމަ އިސްލާމީ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމު ކުރުމަކީ ޢަދާލަތު ޕާޓީގެ އެންމެ މުހިންމު އެއް މަޤުޞަދުކަމަށް ވެފައި، ދިވެހިރާއްޖޭގެ އިސްލާމީވަންތަކަން ކުރިއެރުވުމަށްޓަކައި މުޖުތަމަޢުގެ އަފުރާދުންގެ މެދުގައި ހަމަހަމަކަން ޤާއިމުކޮށް ޢަދުލުއިންސާފު ކަށަވަރުވެފައި އޮތުމަކީ ކޮންމެހެން ލާޒިމު ކަމަކަށްވާތީ ” ކަމަށް އެ ޕާޓީ އިން ދީނީ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.